މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަކީ، ކޮންމެ ދިވެހި ރައްޔިތަކަށްމެ، ޤާނޫނު ނަންބަރު 1/2014 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) އިން ކަށަވަރުވެގެންވާ ޙައްޤެކެވެ. މިޤާނޫނުގެ ބޭނުމަކީ ރައްޔިތުން ބޭނުންވެއްޖެ ހިނދެއްގައި، ދައުލަތުގެ މުޢައްސަސާތަކުން ބަލަހައްޓައި އެކި ޒާތުގެ މަޢުލޫމާތު ލިބިގަތުމުގެ ޙައްޤު ކަށަވަރުކުރުމެވެ. މިޤާނޫނުގެ އަސާސް ބިނާވެފައިވަނީ، ދެފުށްފެންނަ ސިޔާސަތެއްގެ ތެރެއިން ދައުލަތުގެ މުޢައްސަސާތައް މަސައްކަތްކުރާނެކަން ކަށަވަރުކުރުމާއި، މުޢައްސަސާތައް ރައްޔިތުންނަށް ޖަވާބުދާރީ ކުރުވުމުގެ ރޫޙުގެ ތެރެއިން، ހެޔޮވެރިކަމެއް ކުރުމުގެ މައްޗަށެވެ.
އައިލްސް އަކީ އިންޓަރެކްޓިވް ގޮތަކަށް ފަރުމާކޮށްފައިވާ، ބޭނުންކޮށްލަން ފަސޭހަ ސިސްޓަމެކެވެ. މި ސިސްޓަމްގައި ހިމެނިފައިވަނީ ކޮންމެ ރަށެއްގައިވެސް އިޖްތިމާޢީ އަދި އިޤްޠިޞާދީ ގޮތުން ހިންގޭ އެންމެހައި ޙަރަކާތްތަކުގެ މަޢުލޫމާތެވެ. މިސިސްޓަމް ފަރުމާކުރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ދެފުށްފެންނަ ސިޔާސަތެއްގެ ތެރެއިން ކުރިއަށް ގެންދިއުމާއި އެކު، މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް މަގުފަހިކުރުން ހިމެނެއެވެ. ހަމަ މިއާއެކު، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޛުކުރާ އިސް ވެރިންނަށާއި ރައްޔިތުންނަށް، ތަރައްޤީގެ މަޝްރޫއުތަކުގެ މަޢުލޫމާތު އެންމެ އެކަށޭނަ ގޮތަކަށް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
އައިލްސް މެދުވެރިކޮށް ކޮންމެ ރަށެއްގައި ހިންގޭ މިފަދަ މަޝްރޫއުތަކުގެ މަޢުލޫމާތު ލިބެން ހުންނާނެއެވެ. ސިސްޓަމުގައި ހިމަނާފައިވާ މަޢުލޫމާތު ތަކުގެ ތެރޭގައި މަޝްރޫއުއަށް ޚަރަދު ކުރަނީ ކޮން ފަރާތަކުންކަން ދެނެގަނެވުމުގެ އިތުރުން، މަޝްރޫއު ކުރިއަށް ގޮސްފައިވާ ހިސާބާއި، މަޝްރޫއު އާއި ގުޅޭ އެހެނިހެން މުހިއްމު މަޢުލޫމާތު ހިމަނާފައިވާނެއެވެ.
އައިލްސްގައި ހިމަނާފައިވާ މަޢުލޫމާތަކީ ސަރުކާރުގެ ކަމާބެހޭ އެކި މުޢައްސަސާތަކުން ފޯރުކޮށްދީފައިވާ މަޢުލޫމާތެވެ. އައިލްސް އަކީ އަދިވެސް ތަރައްޤީކުރެވެމުންދާ ސިސްޓަމެއްކަމުން، މަޢުލޫމާތު އެކިފަހަރުމަތިން އަދާހަމަ ކުރެވެމުންދާނެ ކަމުގައި ދަންނަވަމެވެ. އައިލްސް އާއި ގުޅޭގޮތުން އެއްވެސް ޚިޔާލެއް ފާޅުކުރައްވަން ބޭނުންފުޅުވާނަމަ، މިޕޭޖު ފުރުއްވުމުން އަޅުގަނޑުމެންނަށް އެޚިޔާލު ރައްދުވާނެކަމުގެ ޔަޤީންކަން ތިޔަ ފަރާތަށް އަރުވަމެވެ.