ރަށުގެ ރައްޔިތުން އާންމު ގޮތެއްގައި ކޮށްއުޅެނީ، މަސްވެރިކަމާއި، ފަންގިވިނުމުގެ މަސައްކަތެވެ. އަދި މިރަށަކީ ރަންރިހީގެ މަސައްކަތްކުރުމަށް ރާއްޖޭގައި ވަރަށް މަޝްހޫރު ރަށެކެވެ. މިރަށުގައި ހުންނަ، ކުރެހުން އަޅައި، ހިރިގަލާއި ލަކުޑި ބޭނުންކޮށްގެން ހަދާފައިވާ ކުރީގެ ހުކުރު މިސްކިތަކީ، 250 އަހަރު ވެފައިވާ، އާޘާރީ ގޮތުން ފާހަގަ ކޮށްލެވޭ ތަނެކެވެ. އަދި ބުދަށް އަޅުކަން ކުރި ޒަމާނުގެ ރިހި ބުދެއް ވަޅުލާފައި އޮތް ތަން މިހާރުވެސް ފާހަގަކޮށްފައި ހުރެއެވެ.