މިރަށު މީހުންނަކީ ރަންރިހިންނާއި އެންދެރިން ގަހަނާ ހެދުމަށް މަޝްހޫރު، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް އެމަސައްކަތް ކުރުމަށް ދަތުރުކުރި ބައެކެވެ. ކުދި ބައްތެލިތަކުގައި ރަށްރަށަށް ގޮސް ބަނޑަހަ ޖަހައިގެން ތިބެ، މިމަސައްކަތް ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދާފައިވެއެވެ. މިރަށުގައި "ހާޖީ ބަންޑާރައިންގެ ޒިޔާރަތް" ކަމަށް ބުނެވޭ، މަޝްހޫރު ޒިޔާރަތެއް ހުރެއެވެ. މި ޒިޔާރަތް ބަލަހައްޓައި، މިރަށުގައި ކޮންމެ އަހަރަކުވެސް ޒިޔާރަތްފުޅު މާލޫދު ކިއުންވެސް އޮވެއެވެ. މާލޫދު ކިޔައި އުޅެނީ ރަބީޢުލްއައްވަލް މަހުގެ ހަ ވަނަ ދުވަހުގެ ރޭގައެވެ.