ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 529.00
ހިމާޔަތްކުރި ތާރީޙް: 5 ޖޫން 2009
އިއުލާން/ގަވާއިދު ނަންބަރު: 138-EE/2009/19 (Amended 138-FS2/I/2011/35)

ބައުންޑްރީގައި ހިމެނޭ ރަށްތައް: ބ. ހަނިފަރު
ބ. ހަނިފަރުހުރާ

ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

ބ.އަތޮޅު ހަނިފަރު ސަރަހައްދަކީ، ޤުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދި ކަމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ތަނެކެވެ. މި ސަރަހައްދު ޙިމާޔަތްކުރެވުނީ، މިތަނުގެ މާޙައުލާއި މިތަނަށް ޒިޔާރަތްކުރާ ފެހިރިއްސާއި އެންމަޑީގެ ބާވަތްތައް ރައްކާތެރިކުރުމަށެވެ. ނޯޓް: 2011 ޖޫން 5 ގެ ނަންބަރު 138-FS2/I/2011/35 އިޢުލާންގައި ހަނިފަރު ސަރަހައްދުގެ ތެރޭގައިވާ ހަނިފަރު ރަށް، ހަނިފަރު ސަރަޙައްދުގެ ބައެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.


ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. މި ސަރަހައްދަށް އެއްވެސް ގެއްލުމެއް ނުވަތަ ބަދަލެއް އަތުވެދާނެ އެއްވެސް އަމަލެއް ކުރުން.
  2. ޒަމާނުއްސުރެ އެންވެރިކަން ކުރަމުން އައިގޮތް ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުން. (މިގޮތުން ދިއްލައިގެން އެންވެރިކަން ކުރުމަކީ މިސަރަހައްދުގައި މަނާކަމެއް).
  3. މިސަރަހައްދުން ގަލާއި ވެއްޔާއި އަކިރި ނެގުން.
  4. މިސަރަހައްދުގެ ކަނޑާއި ފަރާއި އެއްގަމުން އެއްވެސް އެއްޗެއް ނެގުން ނުވަތަ ހިފުން.
  5. މި ސަރަހައްދަށް އެއްވެސް ބާވަތެއްގެ އެއްޗެއް އެޅުން ނުވަތަ އުކާލުން.
  6. މި ސަރަހައްދުން ދޫނިސޫފާސޫފި ހިފުމާއި ނެގުމާއި މެރުން.
  7. މީހަކަށް ނުވަތަ އުޅަނދަކަށް ގެއްލުން ލިބުންފަދަ ނުރައްކަލެއް ކުރިމަތިވެއްޖެ މަޖުބޫރީ ހާލަތެއްގައި މެނުވީ ނަގިލި ނުވަތަ ލޮތާރީގެ ބޭނުންކޮށްގެން މިސަރަހައްދަުތަކުގައި ފުރާދުއްވާ އުޅަނދު ފަހަރު އެޅުން.
  8. މިސަރަހައްދުގައި އުޅަނދު ފަހަރު 10 ނޯޓިކަލް މޭލަށްވުރެ ބާރު ސްޕީޑެއްގައި ދަތުރުކުރުން.
  9. މިސަރަހައްދުން ފެހުރިހި، އެންމަޑި ފަދަ ދިރުންތަކާއި 10 މީޓަރަށްވުރެ އުޅަނދު ފަހަރު ގާތް ކުރުން.
  10. މިސަރަހައްދު އެއްވަގުތެއްގައި ގިނަވެގެން އެއްފަހަރާ 80 އުޅަނދަށް ވުރެ ގިނައިން ހަރަކާތްތެރިވުން.
  11. މިސަރަހައްދުގައި އެއްވަގުތެއްގައި ގިނަވެގެން އެއްފަހަރާ 5 އުޅަނދަށް ވުރެ ގިނައިން ހަރަކާތްތެރިވުން.
  12. މިސަރަހައްދަށް އެރި އުޅުމުގައި ފެހުރިހި އެންމަޑި ފަދަ ދިރުންތަކުގައި އަތްލާ ގޯނާކޮށް ހެދުން
  13. މިސަރަހައްދަށް ސަފާރީ އުޅަނދުފަހަރު، 20 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރު އަދި ޖެޓްސްކީ ފަދަ ތަކެތި ހަރާތްތެރިވެ އުޅުން. އަދި މި ސަރަހައްދަށް ޒިޔާރަތް ކުރުމާއި ބޭނުން ކުރުމުގެ އިތުރުން އެހެނިހެން ކަމެއް ކުރަންވާނީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ ގެ ހުއްދަ ލިޔުމަކުން ހޯދައިގެންނެވެ.