ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް >

ހދ.އިންނަފުށި ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު

ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 1366.00
ހިމާޔަތްކުރި ތާރީޙް: 17 ޖޫން 2019
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2019/150

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:



ބައުންޑްރީގައި ހިމެނޭ ރަށްތައް: ހދ. އިންނަފުށި

ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

އިންނަފުއްޓަކީ މަކުނުދޫ އަތޮޅުގެ އެންމެ ހުޅަނގު ބިތުގައި އޮންނަ 3 ހެކްޓަރުގެ ކުޑަ، ގާމަތީ ރަށެކެވެ. މިރަށަކީ ގިނައަދަދަކަށް ކަނޑުމަތީ ދޫނި ޖައްސާ އަދި ބިސްއަޅާ ރަށެކެވެ. މިރަށުގެ ފުއްޓަރު ފަރާތަކީ ކުރީ ޒަމާނުގައި ގިނަ އަދަދަކަށް ބޯޓުފަހަރު އުރިފައިވާ ސަރަހައްދެކެވެ. އެހެންކަމުން މިރަށުގެ ފުއްޓަރު ސަރަހައްދަށް "ބޯޓު އުރޭ މުލި" މީހުން ކިޔައެވެ. މިރަށް އުފެދިފައިވާގޮތަށް ބަލާއިރު، މުޅި ރަށުގައިވެސް ގިނައީ އަކިރި ވެލިކަމަށް ފާހަގަ ކުރެވެއެވެ. އަދި ދޮންވެލި ގޮޑުދޮށެއް ރަށުގެ އިރުމަތީ ބިތުގައި ވެއެވެ. މިރަށުގެ އަތިރިމަތީގައިގިނަ އަދަދަކަށް ގޮޅާ ހުރެއެވެ. އަދި މިރަށުގެ ގޮނޑުދޮށަކީ ވެލާ ކަހަނބު ބިސްއަޅާ ސަރަހައްދެކެވެ. މިރަށުގައި 3ރުއް ފިޔަވާ ދެން ހުންނަނީ ޅޮސްގަހާއި، ހިރުނދު އަދި ކުރެދި ގަސްތަކެވެ. މިރަށުގެ ހުޅަނގު ފަރާތުގައި މޫދާއި ގުޅިފައިވާ ކުޑަ ފެންގަނޑެއް އޮވެއެވެ. އަދި މިފެންގަނޑަށް މަކުނުދޫ މީހުން "ފުރޭތަ" ފެންގަނޑު ކިޔާއުޅެއެވެ. އިންނަފުށި ބޭރު ފަރަކީ ގިނަ އަދަދަކަށް ބޯޓު އުރިފައިވާ ފަރެއްކަމުން މިސަރަހައްދަކީ ފީނާ މީހުންގެ މަޤުބޫލު ކަން ލިބިފައިވާ ސަރަހައްދެކެވެ. މިފަރަކީ މަސްމަހާމެހި ގިނަ އަދި މުރަކައިގެ މުއްސަނދިކަން ލިބިފައިވާ ރީތި، ބޮޑު ފަރެކެވެ. މިރަށުގެ ފަރުގެ ބޭރުވަރިން ބޮޑުމަސް އަދި މިޔަރު ގިނަ އަދަދަކަށް ފެނެއެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން:

  1. ރަށާއި ވަށައިގެންވާ ފަޅާއި، ފަރަށް އާއްމުން / ފަތުރުވެރިން ޒިޔާރަތްކުރުން.
  2. ޓޫރިޒަމް އަދި މުނިފޫހި ފިލުވުން ޕިކްނިކް ދިއުން އަދި އެއްގަމުން ތަންތަން ބެލުން.
  3. ދިވެހިން ޒަމާނުއްސުރެ ކުރަމުން އައި ގޮތަށް އެންވެރިކަމާއި، މުނިފޫހި ފިލު ވުމަށް މަސްވެރިކަން ފިޔަވައި އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުން.
  4. ހިކިފަން، ކާށި، ދަރުހޮވުން.
  5. ދިރާސާ ކުރުން.
  6. ޓޫރިޒަމް އަދި މުނިފޫހި ފިލުވުން، މޫދަށް އެރި އުޅުން.
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. އެމަޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ނަގިލިލުން.
  2. ދޫނިސޫފާ ސޫފި ހިފުމާއި ނެގުމާއި މެރުން އަދި މިފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން.
  3. ވެލި، މުރަކަ، އަކިރި، ބޮލި ނެގުން.
  4. ކުނި އެޅުން.
  5. ދަނޑުވެރިކަމުގެ މަސައްކަތްކުރުން.
  6. މިސަރަހައްދުން ކަޅުފަސް ނުވަތަ ދޮންފަސް ނެގުން.
  7. އެކުއާ ކަލްޗަރ / މެރިކަލްޗަރ ގެ މަސައްކަތްކުރުން.
  8. ގަސް ގަހާއި ގެހި ކެނޑުން، އުފުރުން، ގެއްލުންދިނުން.
  9. ރަށުން ބޭރުން ގެނެސްގެން އެއްވެސް ބާވަތެއްގެ ގަހެއް/އޮށެއް އިންދުން.
  10. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން.
  11. ބިންހިއްކުމާއި ފަޅު ފުންކުރުން.
  12. އަލިފާން ރޯކުރުމާއި އެންދުން.