ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް >

ޅ.ވައްވަރާއި ދަނޑިފަޅު ފިނޮޅާއި ދަނޑިފަޅު ކަނޑުއޮޅި ސަރަހައްދު

ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 687.47
ހިމާޔަތްކުރި ތާރީޙް: 8 އޮކްޓޫބަރު 2020
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2020/179

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:



ބައުންޑްރީގައި ހިމެނޭ ރަށްތައް: ޅ. ވައްވަރު

ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

ޅ.ވައްވަރަކީ ނައިފަރުގެ ދެކުނަށް އޮންނަ ފަޅު ރަށެކެވެ. މި ރަށުގެ ވަށައިގެންވާ ފަރަކީ ޤުދުރަތީ ދިރުންތަކުން މުއްސަނދި ފަރެކެވެ. މިފަރުތަކުން ފާހަގަ ކޮށްލެވޭ ދިރުންތަކުގެ ތެރޭގައި، ގިނަ އަދަދެއްގެ ސޮފްޓް ކޮރަލްއާއި، މަދުން ނޫނީ ނުފެންނަ 'ޔެލޯ މައުތުޑް މޮރޭ އީލް' (Gymnothorax nudivomer) އާއި، އެކި ބާވަތްތަކުގެ ކަޅުވެނާއި، އަދި ދަންބޮޑު މަހުގެ އައިންތައް ހިމެނެއެވެ. މިފަރުތަކުން ޢާއްމުގޮތެއްގައި ވެލައާއި އެންމަޑިއާއި، ވައިފިޔަ މަޑި، އަދި ކަންނެލި ގިނަ އަދަދަކަށް ފެނެއެވެ. މިފަރުގައި ހިމެނޭ ހޮހަޅަތަކާއި، މަތިން އެލިފައިވާ ފަރުގެ ނިޒާމް (އޯވާރހޭންގސް) ތަކާއި، އަދި ދަނބު ކުލައިގެ މުރަކަތަކަކީ، މި ފަރުގެ މުއްސަނދިކަން އިތުރުކޮށްދޭ ސިފަތަކެކެވެ. ވައްވާރާއި އިންވެގެން ދެކުނަށް އޮންނަ ފަޅުގައިވާ ދަނޑިފަޅު ފިނޮޅަކީ މިސަރަހައްދުގަިއ ހަރަކާތްތެރިވާ ގިނަ ބާވަތްތަކުގެ ކަނޑުމަތީ ދޫނިތައް ޖައްސާ، މިތަކެތި އާލާވެ، ދިރިއުޅޭ މާހައުލެކެވެ. އަދި މަސްމަހާއި މެހީގެ ނާރސަރީއެއްގެ ގޮތުގައި ވެސް ފާހަގަކުރެވިފައިވާ ތަނެކެވެ. ވައްވަރު ރަށާއި ދަނޑިފަޅު ފިނޮޅުގެ ދެމެދުގައިވާ، ދަނޑިފަޅު ކަނޑުއޮޅިއަކީ ތިމާވެށީގެ ގޮތުން މުއްސަނދި، މަދުން ނޫނީ ނުފެންނަ ބާވަތްތަކުގެ މަސްމަހާއިމެއްސާއި، މުރަކައިގެ ބާވަތްތައް ގިނަ ކަނޑުއޮޅިއެކެވެ. މި ތަނުން ފެންނަ ދިރުންތަކުގެ ތެރޭގައި ތަފާތު ބާވަތްތަކުގެ މަޑި، މިޔަރު، ވެލާ، ފާނަ، އަދި ފަރުތޮޅި ހިމެނެއެވެ. އަދި މި ސަރަހައްދަކީ ގިނަ އަދަދަކަށް 'ގޯރގޮނިއަން ފޭންސް' ފެންނަކަމަށް ރެކޯޑްކޮށްފައިވާ ކަނޑުއޮޅިއެކެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް
  1. އާއްމުން / ފަތުރުވެރިން ޒިޔާރަތްކުރުން
  2. ޓޫރިޒަމް އަދި މުނިފޫހި ފިލުވުން، މޫދަށް އެރި އުޅުން
  3. ދިރާސާ ކުރުން
  4. ވައްވަރު ރަށުން ހިކިފަން، ކާށި، ދަރު މަދު، ހޮވުން
  5. އިކޯ ޓޫރިޒަމްގެ މަސައްކަތެއް ކުުރން
  6. ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުން
  7. ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ހުވަތަށް އިންފްރާސްޓްރަކްޗަރ ޤާއިމްކރުން
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. ދޫނިސޫފާ ސޫފި ހިފުމާއި ނެގުމާއި މެރުން އަދި މިފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން
  2. ގަސް ގަހާއި ގެހި ކެނޑުން، އުފުރުން، ގެއްލުންދިނުން
  3. ރަށުން ބޭރުން ގެނެސްގެން އެއްވެސް ބާވަތެއްގެ ގަހެއް/އޮަށެއް އިންދުން
  4. ވެލި، މުރަކަ، އަކިރި ނެގުން
  5. ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
  6. ކުނި އެޅުން
  7. ބިންހުއްކުމާއި ފަޅު ފުންކުރުން
  8. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  9. އެކުއާ ކަލްޗަރ / މެރިކަލްޗަރ ގެ މަސައްކަތްތައް ކުރުން
  10. ރޭގަނޑު ދިއްލައިގެން މަސް ތިލަކުރުން (މީގެ ތެރޭގައި މަސްވެރިކަމުގެ ޤާނޫނުގެ ދަށުން، މަސްވެރިކަމަށާއި، ބޮޑު ކަންނެލީގެ އަތުނަނު މަސްވެރިކަމަށް ދޫކޮށްފައިވާ ސައްޙަ ލައިސަންސެއް އޮތް އުޅަނދަކުން، ދިއްލައިގެން އެންވެރިކަން ކުރުން އިސްތިސްނާ ވާނެ)
  11. ނަގިލި ލުން
  12. ދިވެހިރާއްޖޭގައި އެމުގެ ގޮތުގައި ބޭނުންކުރާ މަސް ފިޔަވައި އެއްވެސް ބާވަތެއްގެ ކުދި މަސް ހިފުން (މީގެ ތެރޭގައި އެކުއޭރިއަމް ތަކާއި ޓޭންކްތަކުގައި ގެންގުޅޭ މަހާއި، ފަރު މަހުގެ ހުރިހާ ބާވަތެއްގެ "ޖުވެނައިލް" މަސް ހިމެނެއެވެ.)
  13. މޫދު ވިނަ ނެގުން / ގެއްލުން ދިނުން
  14. މަސްމަހާއި މެއްސާއި، ދޫނި ސޫފާ ސުފި ހިމެނޭ ގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާންއެޅު
  15. ވައްވަރު ރަށުގައި ކަނޑައެޅޭ ސަރަހައްދުތައް ފިޔަވައި އެހެން ތަނެއްގައި އަލިފާން ރޯކުރުން
  16. ދަނޑިފަޅު ފިނޮޅުގައި އަލިފާން ރޯކުރުން
  17. ހަވީރު 5:30 އާއި ހެނދުނު 6:30 އާއި ދެމެދު ދަނޑިފަޅު ފިނޮޅަށް ޒިޔާރަތްކުރުން
  18. ދޫނި ބިސްއަޅާ މޫސުމުގައި ދަނޑިފަޅު ފިނޮޅަށް ޒިޔާރަތްކުރުން